Abstract modern technology visualization
ޚަބަރު 1 މިނެޓު 9 ސިކުންތު ކިޔާލަން

ސަރުކާރުން ދޭ މާލީ އެހީ 41 މީޑިއާއަކަށް ދޭން ނިންމައިފި

ފޮޓޯއެއް | ރައީސް އޮފީސް

ބަދަލު

30 ޑިސެމްބަރު 2025 - 13:41

އަމިއްލަ މީޑިއާތަކަށް މިއަހަރުދޭ މާލީ އެހީތެރިކަމަށް 41 މީޑިއާ ޝަރުތު ހަމަވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ނިންމައިފިއެވެ.

މާލީ އެހީތެރިކަމަށް އެދުނީ ޖުމުލަ ޖުމްލަ 57 މީޑިއާއަކުން ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

އެމްއެމްބީސީން ބުނީ ، އެ ގްރާންޓަށް ހުށަހެޅުމަށްޓަކައި ޖުމްލަ 57 މީޑިއާއަކުން ޕްރޮފައިލް ކްރިއޭޓްކޮށްފައިވާއިރު، އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 41 މީޑިއާ ކަމަށެވެ.

2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް، ލައިސަސް ލިބި، މެދުނުކެނޑި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށް ހާއްސަކޮށް ހުޅުވާލި މި ފުރުސަތުގައި މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް ޕޯޓަލްގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އެމްއެމްބީސީން ވަނީ ބުނެފައެވެ.

އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވުމާއެކު، ޝަކުވާއަށް ހުޅުވާލުމުން ކޮމިޝަނަށް ލިބުނު 8 ޝަކުވާގެ ތެރެއިން ރިވިއު ކޮމިޓީން ބަލައި ދިރާސާކުރުމަށްފަހު، އޭގެ ތެރެއިން 3 ފަރާތެއްގެ ޝަކުވާ ބަލައިގެންފައިވާ ކަމަށް އެމްއެމްބީސީ އިން ބުނެފައިވެއެވެ.

މިއަހަރު ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑީއާތަކަށް ދިނުމަށް ނިންމާފައިވާއިރު، މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި އެ ކޮމިޝަނާ ދެމެދު އެއްބަސްވެފައިވާ ފަދައިން އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު އެ މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިގެންނެވެ.

މިއަހަރު މާލީ އެހީ ލިބޭ، ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު 1 ޕޭމަންޓެއްގެ ގޮތުގައި ލިބިގެންދާނެ ކަމަށްވެސް ކޮމިޝަނުން މައުލޫމާތުދެއެވެ.